ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މޫސުން ގޯސްވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުން. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭއްވެވުމަށާއި، ދަތުރަށް ފުރުމުގެކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައެވެ.

"އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމާއި، ޚާއްޞަކޮށް ކުދި އުޅަނދުފަހަރުގައި ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުން އެދެން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް ޢަމަލުކުރުމާއި، ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓެން މުހިންމު ކަމަށާއި، ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުއްވުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށް ޤައުމީ ދިފާއި ބާރުން އިލްތިމާސް ކުރައްވައެވެ.

"ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް  ދަންނަވަން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ