އާ ބިންގަލެއްގައި ސިއްހީ ހިދުމަތް އާރާސްތުކުރަނީ

އާ ބިންގަލެއްގެ މަތީގައި، އާ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޞިއްޙީ ޚިދުމަތްތައް އާރާސްތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްގައި މިއަދު އަމީން ވިދާޅުވީ، އާ ބިންގަލެއްގައި ސިއްހީ ހިދުމަތް ފަށާފައިވާއިރު ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، ޞިއްޙީ ފަރުވާދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމާއި އުމްރާނީ ގޮތުން ސިއްހީ ދާއިރާއަށް ކުރިއެރުން ގެނައުމުގެ އިތުރުން ތަމްރީނާއި ހުނަރު ދިނުމުގެ ޕްރޮގްރާމްތައް އިތުރުކުރުންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލްތަކަށް ވަސީލަތްތައް ހަމަކުރުމާއި، އެހެނިހެން ކަންކަމަށް މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި، ނަމަވެސް ގޮންޖެހުންތައް ހުރިކަމަށް ބުނެ ފަރުވާ ހޯދަން އަންނަ މީހުނަށް ޚިދުމަތް ނުދީ ލަސްކުރެވެން ނޯންނާނެ ކަމަށެވެ.

"އެހެންވެ އެ ގޮންޖެހުންތަކާއެކު ވަރަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މުހިއްމު. ހޮސްޕިޓަލުތަކުގެ އިސްވެރިންނަކީ ރާއްޖޭގެ ސިއްހީ ނިޒާމު ފުރިހަމައަށް އެއަށް އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު ބޮޅުތަކެއް. އެއް ބޮޅާއި އަނެއް ބޮޅާ ގުޅިގެން ނޫނީ ޔަގީންކަމާއެކު (ޞިއްޙީ ޚިދުމަތް) ފޯރުކޮށެއް ނުދެވޭނެ،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކުން 40 އިސްވެރިން ބައިވެރިވެގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މަހާސިންތާގައި ހޮސްޕިޓަލުތަކުން ހުށަހެޅި ކަންބޮޑުވުންތަކާއެކު، ސިއްހީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް އަންނާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި މަހާސިންތާގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަތަކީ ހަމައެކަނި ވަޒީފާއަކަށް ކުރާ ކަމެއްގެ ގޮތުގައި ނުބަލައި، އިންސާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ބެލުމަށާއި،  ކަންކަން ދިމާވުމުން އެކަންކަން ބެލުމުގައި ހަދާފައިވާ އިންތިޒާމުތަކަށް އިސްކަންދީގެން ރިއާޔަތްކުރުމުން އޭގެ ސަބަބުން ޚިދުމަތަށް ފުރިހަމަކަން އަންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ