ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ޕްރައިމެރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލުކޮށްދޭން ތިން ފަރާތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް ޞޯލިޙްގެ ސްޕެޝަލް އެންވޯއީ އަދި ޔޮޓް ޓުއާސްގެ ޗެއަރމަން ހ.ތިމާވެށި ޢަބްދުﷲ ޖާބިރާއި، އަބްދުލް މާނިއު ހުސައިންގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އަހްމަދު މުހައްމަދު އެވެ.
ޖާބިރު އާއި މާނިއު އެއްކޮށް އެ މައްސަލަ ހުށަހެޅިއިރު، އަހްމަދު މުހައްމަދު މައްސަލަ ހުށަހެޅީ ވަކިންނެވެ. އެހެންނަމަވެސް އެއް މައުޟޫއެއްގެ ދެ މައްސަލައަށް ވުމުން ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އެއް އަޑުއެހުމެއްގެ ގޮތުގައެވެ.
މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަޙްމަދު މުޙައްމަދު ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހަމަވާތީވެ، މައްސަލާގައި ހުކުމެއް އިއްވުމުގެ ކުރިން އެ މައްދާ ވަގުތީ ގޮތުން ބާތިލުކޮށް ޕްރައިމަރީން ބަލިވި ފަރާތްތަކަށް ވެސް މަޖިލީހަށް ކުރިމަތި ލުމުގެ ވަގުތީ އަމުރެއް ނެރެދިނުން އެދިލައްވާ ކަމަށެވެ. އަދި ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު ވަގުތީ އަމުރެއް ނެރެނުދޭނަމަ އެތައް ބައެއްގެ ހައްޤު ގެއްލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓި ބެންޗުން މިއަދު ވަގުތީ އަމުރެއް ނެރެދީފަ އެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ޖާބިރުގެ ވަކީލް އަބްދުލް ހަކީމް މުހައްމަދު ރަޝީދު ވިދާޅުވީ، ޕާޓީތަކުގެ އެތެރޭގެ އިންތިހާބްތަކުން ބަލިވާ ފަރާތްތަކަށް މަޖިލިސް އިންތިހާބްގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ތައާރުޒު އިސްލާހެއް ކަމަށާއި އެހެން ކަމުން އެ އިސްލާހު ސުޕްރީމް ކޯޓުން ބާތިލު ކޮށްދޭނެ ޖެހޭ ކަމަށެވެ.
މައްސަލައިގައި ޖަވާބުދާރީ ވުމަށް ދައުލަތުގެ ވަކީލުންނަށް ފުރުސަތު ދިނުމުން އެޓާނީ ޖެނަރަލްގެ ވަކީލާ ހައްވާ ސަނާ ވިދާޅުވީ، މައްސަލައިގެ ލިއުންތައް ލިބިފައިވަނީ އިއްޔެ ކަމަށާއި، ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާތީވެ، އާދިއްތަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުން އެދިލައްވާ ކަމަށެވެ.
ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ހުސްވަގުތުކޮޅެއް ނެންގެވުމަށްފަހު ސްޕްރީމް ކޮޓުގެ ދަނޑިޔާރުން ނިންމަވާފައިވަނީ ދައުލަތުން އެދިލެއްވި ގޮތަށް އާދީއްތަ ދުވަހު އަޑުއެހުމެއް ބެއްވުމަށެވެ.
މީގެ އިތުރުން މައްސަލައިގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ތަދައްހުލް ކުރުވުމަށް ކޯޓުން އެ ކޮމިޝަނަށް އެކަން އަންގާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. ޤާނޫނުގައި މިހެން ލިޔެފައި އޮއްވާ ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މާއްދާއެއް އިތުރުކުރީ ވިލިނގިލި ދާއިރާގެ އޭރުގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހަޅައި ފާސްކުރި އިސްލާހަކުންނެވެ. އެ އިސްލާހު ބާތިލްކުރަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މަޖިލިހުގެ ކޮމިޓީގައެވެ.
ޕްރައިމަރީން ބަލިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިލެވޭގޮތަށް ޤާނޫނު އިސްލާހުކޮށްފިނަމަ ނުވަތަ ސްޕްރީމް ކޯޓުން އެ މާއްދާ ބާޠިލް ކޮށްފިނަމަ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އައުން ގާތެވެ.



