ޢަލީ ވަހީދު - ފޮޓޯ: ރައީސް އޮފީސް

"މަޖިލީހުގެ މެޖޯރިޓީ ދޭންވީ ރައީސް ޞޯލިޙަށް"

 ކުރިއަށް އޮތް ރައްޔިތުން މަޖިލީސް އިންތިހާބުގައި، މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙަށް ކަމަށް، ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އަރައި ވަޑައިގަތުމުގެ ފަހަތުގައި ވަނީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތާއި އުއްމީދުތަށް ކަމަގައެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެނައީ ގިނަ ބަޔަކު ގުޅިގެން ވަރަށް ބޮޑު އުންމީދެއްގައި، ހުރިހާ ޕާޓީތަކެއް ގުޅިގެން، އަދި ރާއްޖެ ވަރަށް ބޮޑު އަނދަވަޅެއްގައި އޮއްވާ،" ޢަލީ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙަކީ، "މަޑުމައިތިރި، އޯގާތެރި އަދި ހިންގުންތެރި ރާއީސެއް" ކަމަށާއި، "ހުރިހާ އެންމެން ގޮވައިގެން" މަސައްކަތްކުރައްވާ އަދި ފޯރުކޮށްދޭ ހިދުމަތްތަކުގައި ވަކި ބަޔަކަށް ތަފާތުކުރުން ނުގެންގުޅުވާ ބޭފުޅެއްކަމުގައެވެ.

އޭޕްރީލް 6 ވަނަ ދުވަހު ބޭއްވާ ރައްޔިތުން މަޖިލީސް އިންތިހާބުގައި މެންބަރުން އިންތިހާބުކުރެވޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ފަސޭހަ ވާނެހެން އަގުލަބިއްޔަތު ދިނުން މުހިއްމުކަމަށެވެސް ވަހީދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ފަސޭހަ ވާނެހެން އެމަނިކުފާނަށް އަގުލަބިއްޔަތު ދޭންވީ. ވަކި ފިކުރަކަށް ވަކި ޕާޓީއަކަށް ނޫން. މިވަގުތު މި އޮތީ ގައުމީ ސަރުކާރެއް،" ވަހީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ރައީސް ސޯލިހަށް ދޭންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއިރު، ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ ގިނަ ގޮނޑިތައް އެމްޑީޕީއަށް ލިބެންޖެހޭ ކަމަށާއި، ވައުދުތަށް ފުއްދުމުގައި މަޖިލީހުގެ ތާއިދު ބޭނުންވާއިރު ސަރުކާރަށް މެޖޯރިޓީ އޮތުމަކީ މުހިންމު ކަމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ