ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވެފައި ނުވާއިރު، އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއަށެވެ.
އިރުއޮއްސި 06:00 އިން މިރޭ 23:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ގުގުރުމާއެކު ވާރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މެދުތެރެ އާއި އުތުރު އަތޮޅުތަކުގައި ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ވައިޓް އެލާޓް ނެރުނުއިރު، ޤައުމީ ދިފާއީ ބާރުންވެސް ވަނީ މޫސުމަށް ބަލައިގެން ކަނޑު ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.