"މަސްވެރިކަމާ މިނިވަންކަމާ ވަނީ ގުޅި ލާމެހިފައި"

އެތައް ސަތޭކަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ "ޖަޒީރާ ރާއްޖޭގެ" މިނިވަންކަމާއި، ދިވެހި މަސްވެރިކަމާ ގުޅި ލާމެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ – އިންޑިއާ ގުޅުމާއި ގުޅުވައިގެން ޤައުމުގެ މިނިވަންކަމުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެމުންދާ މި ދަނޑިވަޅުގައި ކުރެއްވި މާނަފުން ޓްވީޓެއްގައި ޢަލީ ވިދާޅުވީ، ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ބަޔަކަށް މަސްވެރިކަން ކުރުމުގެ ފުރުޞަތުވެސް އޮވެގެން ނުވާނެ ކަމަށެވެ.

"ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ބަޔަކަށް މަސްވެރިކަން ކުރުމުގެ ފުރުޞަތުވެސް އޮވެގެން ނުވާނެ. މަސްވެރިކަމާއި އަހަރުމެންގެ މިނިވަންކަމާ ވަނީ ގުޅި ލާމެހިފައި." ޢަލީ ހުސައިން ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ، "ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނަންވާނީ އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުނުވެ މިނިވަންކަމާއެކު ތިބެވޭނެ ގޮތަކަށް" ކަމަށެވެ.

ޚާރިޖީ ސިޔާސަތާއި، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާއި، ޤައުމުގެ މިނިވަންކަމާ ގުޅި ލާމެހިފައިވާކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު ވިދާޅުވިއިރު، ރާއްޖެއިން އަވަށްޓެރި އިންޑިއާއަށް މާބޮޑަށް ބަރޯސާވާ ކަމަށްވުނެ އަދި ރާއްޖޭގައި އޮންނަ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާގެ 40 ސިފައިން ތިބޭ މައްސަލަގައި ސިޔާސީ ވެރިން ގެންދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ޢަލީ ހުސައިން އަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ޤައުމީ މައްސަލަތަކަށް ތަފާތު ނަޒަރަކުން އަލިއަޅުއްވާލައްވާ ޚިޔާލު ފާޅުކުރެއްވުމުގައި ފާހަގަކޮށްލެވޭ މެންބަރެކެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް