އައްޝައިޚް މުޙައްމަދު ދީދީ އިސްވެ ހުންނަވާ އުފެއްދާ ނޭޝަނަލް ރިފޯމް ޕާޓީ (އެންއާރުޕީ) ރަޖިސްޓްރީ ކުރުމުގެ ކަންކަން ހަލުވި ކަމާއެކު ކުރިއަށްދާކަމަށް އެޕާޓީގެ ފައުންޑަރ ވިދާޅުވެއްޖެއެވެ.
އައްޝައިޚް މުޙައްމަދު ދީދީ "ފެށުމަށް" ވިދާޅުވީ އެންއާރްޕީގެ މެންބަރޝިޕް ފޯމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕާޓީއަށް މެންބަރުން ގުޅެމުންދާ ކަމަށެވެ.
"އިލްމީ އަދި ޤާބިލު ގިނަ ފަރާތްތައް އެޕާޓީއާއި ގުޅެމުން އެބަދޭ، އެފަދަ އެހެން ފަރާތްތަކާއި އާންމުންނަށްވެސް އެޕާޓީއާއި ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި." އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
އެންއާރްޕީން ވިދާޅުވީ، އެޕާޓީއަށް ގުޅެން ބޭނުންވާ ފަރާތްތަކުން، އެފާޓީގެ ނަންބަރު 7669944 ފޯނާ ގުޅުއްވުމުން ފޯމު ފުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.
ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް ހުންނެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި ޝައިހް މުހައްމަދު ދީދީ މީގެ ކުރިން ވިދާޅުވެފައިވަނީ، އެންއާރުޕީ އުފައްދަން ނިންމީ ރާއްޖެ ވަރަށް ބޮޑަށް އިސްލާހަށް ބޭނުންވެފައިވާތީ އިސްލާހީ މަސައްކަތްތައް ކުރަން ކަމަށެވެ.
ނޭޝަނަލް ރިފޯމް ޕާޓީ (އެންއާރުޕީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ ނިމިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ.



