ގޭންގްތަކާ މަޝަވަރާކޮށް ކުށްވެރިން ދޫކުރަން ނޫޅުއްވާކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ފަލަސުރުހީގައި ވާހަކަދައްކަވަމުން މިނިސްޓަރު މަޙްލޫފް ވިދާޅުވީ، ޑިސްޓަރބިން ޔޫތްސް (ގޭންގް) ތަކާ އެކީވެސް މަސައްކަތް ކުރަން ޖެހޭކަމަށާއި، ޒުވާނުން އެކަމުގެ ތެރެއިން ސަލާމަތް ކުރަންވެސް ޖެހޭކަމަށެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑެއް ނުބުނަމޭ އިނގޭތޯ އަޅުގަނޑު މިއުޅެނީ އެމީހުންނާއެކީގަ މަޝްވަރާއެއްކޮށްގެން ޖަލުތަކުގަ ތިބި އެމީހުންގެ މީހުން ދޫކުރާށެކޭ، އަޅުގަނޑު އެކަހަލަ ޑީލްއަކަށް ދާވާހަކައެއް ނޫން ދެއްކީ" މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ، ބޭނުމަކަށްވީ އެކަންކަމުގެ ތެރޭގައި އުޅޭ ޒުވާނުންނާ ވާހަކަ ދައްކާލަން ކަމަށާއި، ވާހަކަ ދައްކައިގެން ވިޔަސް އެމީހުން މައިތިރި ކުރަންޖެހޭ ކަމަށެވެ.
"ކުށެއް ކޮށްފައި، މީހެއްގެ ގަޔަށް ވަޅި ހަރާފައި، މީހަކު މަރާފައި ހުރި މީހަކު ޝަރީއަތެއް ނުކޮށް އެމީހުނަށް ދޫދޭވާހަކަ ދައްކާ ވާހަކައެއް ނޫން އަޅުގަނޑު މިދައްކަނީ." މަޙްލޫފް ވިދާޅުވިއެވެ.
އިތުރަށް މަޙްލޫފް ވިދާޅުވީ، ބައެއް ފަރާތްތަކަށް ހީވީ، ޝައިނީމެން ގޭންގްތަކާ އެކުގޮސް ފޮޓޯ ނަގިހެން އެމަނިކުފާނުވެސް ފޮޓޯ ނަގަން އުޅުނު ކަމަށާއި، އެއްގޮތަކަށްވެސް އެކަން ހިނގީ އެހެން ނޫން ކަމަށެވެ.
ގޭންގުތަކާ ގުޅުން އޮންނަ ޒުވާނުންނާ ވާހަކަ ދައްކާ، ނަސޭހަތްދީ، ގޭންގްތަކާ އެކު އުޅޭ ސަބަބު ދެނެގަނެ އެކަންކަމުން ޒުވާނުން ދުރު ކުރެވިދާނެ ކަމަށްވެސް މިނިސްޓަރު މަޙްލޫފު މިރޭ ފަލަސުރުޚީގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ގޭންގްތައް އޮންނަ ކަމަށާއި، ގޭންގްތަކާ މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަމަށް މަޙްލޫފް ކުރިން ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރަށް އަމާޒުވިއެވެ.