އަދާލަތު ޕާޓީން 8 ބޭފުޅަކަށް ޓިކެޓް ދީފި

އަދާލަތު ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރައްވާ 8 ބޭފުޅަކަށް ޓިކެޓް ހަވާލުކޮށްފިއެވެ.

އަދާލަތު ޕާޓީން މިރޭ ޓިކެޓް ހަވާލުކޮށްފައިވަނީ، ކެލާ ދާއިރާއިން ތޫބާ ރަޝީދު، މަކުނުދޫ ދާއިރާއިން އަނާރާ ނައީމް، ވައިކަރަދޫ ދާއިރާއިން ހުސެން ސަގީފް، އިނގުރާއިދޫ ދާއިރާއިން އަހްމަދު ހުސައިން، ކާށިދޫ ދާއިރާއިން އަހްމަދު އަދީބް، މަހިބަދޫ ދާއިރާއިން އަލީ އާޒިމް، މުލަކު ދާއިރާއިން އައިޝަތު ރިއާޝާ އަދި ނިލަންދޫ ދާއިރާއިން މުޝްހަފް މުހައްމަދު އަށެވެ.

13 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެކަން އިއުލާންކޮށް އެދާއިރާތަކުގައި ކެމްޕޭން ވެސް އަދާލަތު ޕާޓީން ފަށާފައިވަނިކޮށް، އެނިންމުން ބަދަލުކުރެއްވީ ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށް މިރޭ ދާއިރާތަކަށް ޓިކެޓް ހަވާލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމުގައި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދﷲ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އަދާލަތުން މި ނިންމި ނިންމުމުގެ ސަބަބުން މި ސަރުކާރަށް 19 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަމާޒު ކުރެވިފައިމިވަނީ އެ ދިމާލަށް. ހުރިހާ އެންމެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވާނީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ދިޔުން" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ދާއިރާ އަށް ކުރިމަތިލުމަށް އަދާލަތު ޕާޓީއާއެކު ތައްޔާރުވި ބޭފުޅުންގެ ތެރެއިން ސަރުކާރު މަސްލަހަތު ދެމެހެއްޓުމުގެ ބޭނުމުގައި ފަހަތަށް ޖެހުނު 5 ބޭފުޅުންގެ ނިންމުން ބަލައިގަންނަ ކަމަށާއި، އަދި ޕާޓީގެ ފަރާތުން އެ ބޭފުޅުންނަށް ކުރިއަށް އޮތްތާގައި ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ