ތަޢުލީމަކީ ތަރައްޤީގެ މައި އިންޖީނު - ރައީސް

ތަޢުލީމު ޙާޞިލް ކުރުމަކީ މިޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫންކަމަށާއި، މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ޑިގްރީގެ ކޯސްތައް ހިލޭ ކުރުން އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ޒަމާނުގައި ތައުލީމް ހާސިލް ކުރުމަކީ ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެކަން ސިފަ ކުރެވެނީ ތަރައްގީގެ މައި އިންޖީނުގެ ގޮތުގައި ކަމަށެވެ. ވަކިން ހާއްސަކޮށް ގައުމެއްގެ އިގްތިސާދު ބިނާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަތީ ތައުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް، ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ގޮތުން އެ މުޖުތަމައެއް ކުރިއަރައި ދިއުމެއް ނޫނެ. ތަރައްޤީއަކީ އިންސާނާގެ ވިސްނުމާއި ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއްކެ. އެހެންވީމާ ޤައުމު ތަރައްޤީވާން ބޭނުންނަމަ އެއްމެ ފުރަތަމަ ތަރައްޤީކޮށްދޭން ޖެހެނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. އަޅުގަނޑުމެން ތަރައްގީ ކުރެވޭތޯ މި ބަލަނީ، މި ގައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ތިޔަ ޒުވާނުން. މާދަމާ މި ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު މިހާރުންސުރެ، ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން," ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމު ތަރައްގީ ކުރުމުގެ މަސައްކަތުގައި ތައުލީމީ ދާއިރާއަށް މި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ވެސް އެ ބޭނުމުގައި ކަމަށާއި ތަރައްގީގެ އެންމެ މުހިންމު އަސާސަކީ ތައުލީމީ ޖީލެއް ބިނާ ކުރުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުގެ ދެ ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖުތަކުގައި މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދާ ކަމަށާއި، އަދި ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުސަތާއެކު އެ އަދަދު 9،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ރަނުގެ ރަނުގެ ފުރުޞަތެއް ކަމާއި، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީ ހާސިލްކުރަން ބޭނުންވެ، އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ ތިޔަ ޒުވާނުން މިހުރިހާ ދުވަހު ތިބި މާޔޫސްކަން މާތް ﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މި ދިޔައިއްޔޭ. އެހެންވީމާ، މި އަގުބޮޑު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ގައުމީ ތަރައްގީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވައިލަން," ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ފުރަތަމަ ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު މިއަދު ހުޅުވިގެން ދިޔައިރު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައިވާ ވާނޭކަމާއި، އެގޮތުން އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާޜުގެ އަމާޒަކީ މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި މުސްތަގުބަލްގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު މި ސިޔާސަތު ސަރުކާރުން އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހެދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއަދު ހަމަޖެހިގެން މިދިޔަ ސްކީމްގެ ދަށުން ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް