އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒް ރަޝީދަށް 424255 ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އޭސީސީން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓުންނެވެ.
ތަފްސީލީ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި ރިޔާޒް ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.
މި ފައިސާ ރިޔާޒް ރަޝީދަށް ލިބިލައްވާފައިވަނީ ކީއްވެތޯ އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ. ހަމައެހެންމެ، ރިޔާޒް ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމް ކުންފުންޏަށްވެސް ވަނީ 455،000ޑޮލަރ ދީފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ރިޔާޒަށް މި ފައިސާ ފޮނުވި، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި ރިޔާޒު ހިމެނުނު ނަމަވެސް ރިޔާޒުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.