ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރަނީ

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ގޮތުން، އއ.އަތޮޅުގެ 8 ރަށެއްގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފަރާތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްތައް ހިންގާފައިވަނީ އއ.އުކުޅަހާއި، އއ.ރަސްދޫއާއި، އއ.ތޮއްޑޫއާއި، އއ.މަތިވެރީގެ އިތުރުން އއ. ބޮޑުފުޅަދޫއާއި، އއ.ފެރިދޫއާއި، އއ.މާޅޮސް އަދި އއ.ހިމަންދޫގައެވެ.

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އއ.އަތޮޅުގެ 8 ރަށެއްގައި ވަކިވަކިން ބޭއްވި މި ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ، ރަށްރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، މަސްވެރިންގެ އިތުރުން އާންމު ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ބޭފުޅުންނަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ތެރެއިން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ރަށްރަށަށް ގޮސް، ފަތުރުވެރިންނާއި ރަށުގެ ރައްޔިތުން މޫދަށް އެރިއުޅޭ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލައި، އިތުރަށް ހަރުދަނާކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ރަށްތަކުގެ ކައުންސިލްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މި ޕްރޮގްރާމްގައި ފަތުރުވެރިންނާއި ރައްޔިތުން މޫދަށް އެރި އުޅޭއުޅުމުގައި، ސަލާމަތްތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި ކަނޑު ދަތުރުކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އއ.އަތޮޅުގެ 8 ރަށުން 207 ފަރާތަކަށް މި ޕްރޮގްރާމް ހިންގާފައިވާއިރު، މިގޮތުން މި ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމަށް ރަށު ކައުންސިލްތަކުންނާއި ރަށްރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ