ޚިޔާނާތުގެ ބޮޑު ރިޕޯޓް: ސަންގު ޓީވީއަށް 130000 ޑޮލަރު!

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ސަންގު ޓީވީއަށް 130000 ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އޭސީސީން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓުންނެވެ.

ތަފްސީލީ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ ކުންފުނިތަކުގެ ތެރޭގައި ސަންގު ޓީވީ ހިންގާ ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މި ފައިސާ ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވަނީ ކީއްވެކަން އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ. ސަންގު ޓީވީއަކީ ނޫސްވެރިޔާ އިބްރާހިމް ވަހީދް (އަސްވާޑް) ގެ 99% ހިއްސާ ވާ ޓީވީއެކެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށްވެސް މި ފައިސާ ފޮނުވި، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި ސަންގު ޓީވީ ހިންގާ ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހިމެނުނު ނަމަވެސް އެ ކުންފުނީގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ