ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް - ފޮޓޯ: ރައީސް އޮފީސް

ވައްކަމެއް ނުކުރަން، މައްސަލައެއް އުޅޭނަމަ އިސްތިއުފާ ދޭނަން – މަޙްލޫފް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ވަދެފައިވާ އެސްއޯއެފްގެ އެކައުންޓުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މަޙްލޫފްގެ ޑޮލަރު އެކައުންޓަށް ވަދެފައިވާ 33000 ޑޮލަރަކީ ވައްކަން ކޮށްފައިވާ ފައިސާ ނޫން ކަމަށާއި، މައްސަލައެއް އުޅޭނަމަ އިސްތިއުފާ ދެއްވާނެކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ އޭސީސީގެ ތަހްޤީޤު ބަޔާން އާއްމު ކުރިއިރު، އެސްއޯއެފް އިން ފައިސާ ފޮނުވާފައިވާ 155 އެކައުންޓުގެ ތެރޭގައި މަޙްލޫފްގެ އެކައުންޓުވެސް ހިމެނުމާއި ގުޅިގެން ދާދި ދެންމެ ނެރުއްވި ނޫސް ބަޔާޏެއްގައެވެ.

މަޙްލޫފް ވިދާޅުވީ، 33000ޑ ގެ މުޢާމަލާތަކީ މީގެ ފަސް އަހަރު ކުރިން ކަމަށާއި، އެއީ އާއިލާއިން "ދަ ޖީންސް" ގެ ނަމުގައި ފިހާރައެއް ހިންގިއިރު، އެއްބަފާ ކޮއްކޮ ޢަލީ މުބީން މެދުވެރިކޮށް ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވަނީ ޞައްޙަ ކަރަންސީ އެކްސްޗޭންޖްގެ މުޢާމަލާތެއް ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ "ދަ ޖީންސް" ފިހާރައިގައި ޑޮލަރު އެކައުންޓެއްނެތި، އަޅުގަނޑުގެ ޑޮލަރު އެކައުންޓެއް އޮތުމުންކަން ފާހަގަކުރަން. މި ވިޔަފާރީގެ މުޢާމަލާތް ހިންގި ފައިސާގެ ރަޝީދާއި އޭސީސީއަށް އަޅުގަނޑު ފޮނުވި ސިޓީ އަދި އޭސީސީން އަޅުގަނޑަށް ދެއްވި ޖަވާބު މި ބަޔާނާއެކު ޢާއްމު ކުރިން." މަޙްލޫފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަޙްލޫފް ވިދާޅުވީ، ދެ އަހަރަށް ދިގު ދެމިގެންދިޔަ އެމްއެމްއާރުޕީސީގެ ތަހްޤީގުގައި އެތައް ބަޔަކާ ސުވާލުކޮށްފައިވާއިރު، އެމަނިކުފާނާ އެއްވެސް ސުވާލެއް ކުރައްވާފައި ނުވާ ކަމަށާއި، އެސްއޯއެފްގެ ފައިސާ ވަތް ފަރާތްތަކުގެ ލިސްޓުގައި ނަން އޮތުމުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް އަދި ކޮރަޕްޝަނާ ދެކޮޅަށް ފާޅުގައި އަޅުގަނޑު މަސައްކަތް ކުރީ ވައްކަމެއްކޮށް އެފަދަ އެއްވެސް ޖަރީމާއެއް ހިންގައި، އޭގެން ކަމެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެތީ." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ" ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ ޞައްޙަ މުޢާމަލާތްތައް ކޮށްފައިވާ ފަރާތްތަކުގެ ހައްޤުތައް ނުގެއްލޭނެކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އޭސީސީއިން އެ މުޢާމަލާތްތައް ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށް މަޙްލޫފް ގޮވާލެއްވިއެވެ.

މިކަމާ ގުޅިގެން މަޙްލޫފް ހުށަހަޅާފައިވާ މައްސަލަ ވީހާވެސް އަވަހަކަށް އޭސީސީ އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަޙްޤީޤުކުރައްވައި، އެ މަޢުލޫމާތު ޢާއްމު ރައްޔިތުންނާ ޙިއްޞާ ކޮށްދެއްވުމަށްވެސް މަޙްލޫފް ވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ