ޞިއްޙީ ތަފާސްހިސާބުތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭ ތަމްރީނު ދެނީ

ރާއްޖޭގެ ޞިއްޙީ ދާއިރާގައި އެއްކުރެވޭ މައުލޫމާތުތައް އިތުރަށް ހަރުދަނާކޮށް، އެއް ޕްލެޓްފޯރމެއްގައި މައުލޫމާތުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ ވަރޝަން 2 (ޑީ.އެޗް.އައި.އެސް 2) ގެ ޓްރެއިނިންގް ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ސޮފްޓްވެއަރ އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއިއެކު 60 އަށްވުރެ ގިނަ ޤައުމުތަކުގައި މިހާރުވެސް ޞިއްޙީ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެކެވެ.

އަތޮޅުތަކާއި މާލޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިމަހުގެ 28 އިން 30 ޖުލައިއަށް ބޭއްވި މިތަމްރީން ޕްރޮގްރާމުގައި ގާތްގަނޑަކަށް 70 ބޭފުޅުން ބައިވެރިވިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ޖުލައި 31 އިން ފެށިގެން 1 އޮގަސްޓުގެ ނިޔަލަށް މި ސިސްޓަމް މެދުވެރިކޮށް އެނެލިސިސްގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް ތަމްރީން ދެވޭނެ ކަމަށާއި، މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އައި.ޓީ މުވައްޒަފުންވެސް މިމުއްދަތުގައި ސިސްޓަމަށް ބޭނުންވާ އައި.ޓީ ސަޕޯޓް ދިނުމަށް ތަމްރީންކުރެވޭނެއެވެ.

28 ޖުލައި އިން 1 އޮގަސްޓަށް ކުރިއަށްގެންދެވޭ މިޕްރޮގްރާމްތަކުގައި ތަމްރީން ދެއްވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މާހިރުން ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ޑީ.އެޗް.އައި.އެސް 2ގެ މަސައްކަތް ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ބޭނުމަކީ ޑިޖިޓަލްކޮށް ޞިއްޙީ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. ދިވެހިރާއްޖޭގައި މިތަމްރީން ޕްރޮގްރާމަށްފަހު، ޞިއްޙީ ޚިދުމަތްދޭ ތަންތަނުން މިނިސްޓްރީއަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުމަށް މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމަށް ރޭވިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ ސަބަބުން އެއްކުރެވޭ މައުލޫމާތުގެ ފެންވަރު ހިފެހެއްޓި، ފަސޭހައިން ޞިއްޙީ ތަފާސްހިސާބު އެއްކުރެވި އަދި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ