އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމަކީ ޤާނޫނާ ޚިލާފު ކަމެއް - ވަކީލުން

"ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގައި ވަގަށް އިންޑިއާއަށް ދަތުރުކުރި ދިވެހިރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް އަދީބުގެ ބައިނަލްއަގުވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެކަން ހާމަކޮށް އެޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ އަދީބަށް ރައްކާތެރި ތަނެއް ނޫންކަމަށާއި އަދި އެސައިލަމް މެދުވެރިކޮށް އިންޑިއާގެ ރައްކާތެރިކަމަށް އަދީބު އެދިފައިވާއިރު އަދީބުގެ ފުރާނައަށާއި މިނިވަންކަމަށް ނުރައްކާތެރި ތަނަކަށް އޭނާ ފޮނުވާލުމަކީ އިންޑިއާއަށް ކުރެވޭނެ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މީގެއިތުރުން އަދީބުގެ މައްޗަށް ކުށެއްނެތްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޙުކުމްކޮށްފައިވީނަމަވެސް، އޭނާ ގޭ ބަންދުގައި ބަހައްޓާ، ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ޝަރުތުކޮށް އެގްރީމެންޓް ހަދާފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްޙީ ފަރުވާ ނުދީ ހިފެހެއްޓިކަމަށް ތުޙުމަތުކޮށްފައިވާއިރު، މިއެގްރީމެންޓާއި ގުޅޭ ލިޔުންތައް ލިބިފައިވާކަމަށްވެސް އަދީބުގެ ބައިނަލްއަގުވާމީ ޤާނޫނީ ވަކީލުންގެ ޓީމުންވަނީ ބުނެފައެވެ.

މީގެއިތުރުން މިބަޔާނުގައިވަނީ، ދިވެހިރާއްޖޭގައި އަދީބަށް އެއްވެސް ރައްކާތެރިކަމެއް ނެތްއިރު، އަދީބު އަނބުރާ ރާއްޖެ ފޮނުވުމަކީ އިންޑިއާގެ ރައްކާތެރިކަން ހޯދުމަށް އެހެން ގައުމުތަކަށް ދާ އެހެން ފަރާތްތަކަށް ވަރަށް ނުރައްކާތެރި މިސާލެއްކަމަށާއި، ނުރައްކާތެރިކަމުން ރައްކާތެރިކަން ހޯދަން އިންޑިއާށްދާ އެކި ފަރުދުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފަޚުރުވެރި ތާރީޚެއް އޮތް އިންޑިއާއިން އެޤައުމުގެ ރީތި ނަން ކިލަނބުވެދާނެފަދަ ޢަމަލެއް ނުކުރުމަށްވެސް އެދިފައިވެއެވެ.

އަދި އަދީބު ރާއްޖެ ގެނައުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމަށް ރާއްޖޭގެ އޮފިޝަލުންގެ ޓީމެއް ވަރަށް އަވަހަށް ޗެންނާއީއަށް ދާނެކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދީބުގެ ބައިނަލްއަގުވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާން.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ