މާލޭ ގެއެއްގެ ޑެކް ފަޅައިގެން ގޮސް މީހަކު ވެއްޓިއްޖެއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނުގައި ހުރި މ. ވާލީހައުސް
ގޭގައެވެ.
މި ހާދިސާގައި އެގޭގެ ދެވަނަ ފަންގި ފިލާގެ ޑެކް ފީވެ ހަލާކުވެ ޑެކްގައި ހުރި މީހަކު ވަނީ ދެ ވަނަ ފަންގިފިލާއިން އެގޭގެ އެއްވަނަ ފަންގި ފިލާއަށް ވެއްޓިފައެވެ.

މި ނޫޙަށް ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުނު 12:57 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނަވަމެސް ގައިގެ އެކި ތަންތަނުން ހަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގުމާއި ގުޅިގެން އެ ސަރަހައްދަށް ފުލުހުން ވަނީ ގޮސްފައެވެ. އަދި މާލޭ ސިޓި ކައުންސިލަށް ވަނީ މި ހާދިސާގެ މަޢުލޫމާތު ދީފައިކަމަށް ވެސް ފުލުހުން ވިދަޅުވެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
އިމާރާތްތަކުން އެއްޗެހި ވެއްޓުމާއި، ގިނަ ދުވަސް ވެފައިިވާ އިމާރާތްތައް ހަލާކު އިމާރާތުގެ ބައިތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް މާލޭގައި އަންނަނީ ހިނގަމުންނެވެ. އަދި މި ފަދަ ހާދިސާތަކުގައި ގިނަ ބަޔަކަށް އަނިޔާވެ، ބައެއް މީހުންގެ ފުރާނަވެސް ވަނީ ގޮސްފައެވެ.
މި ފަދަ ހިތާމަވެރިހާދިސާތައް މަދު ކުރުމަށް ކަމާ ގުޅޭ ފަރާތްތަކުން މި ފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. އަދި ކުއްޔަށް ހިފާ އިރުވެސް، ކުއްޔަށް ހިފާ ފަރާތުން އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ އަންގާފައެވެ.
(ތަފްޞީލް އަންނަނީ)