މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 210 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން އާންމު ކޮށްފައިވާ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ، ދެވަނަ ކުއާޓަރގައި އެކުންފުންޏަށް ލިބުނު ފައިދާވަނީ މަދުވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް 238 މިލިއަން ރުފިޔާގެ ފައިދާއެއްވަނީ ލިބިފައެވެ.
އެހެންކަމުން މިއަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ލިބިފައިވަނީ ފުރަތަމަ ކުއާޓާއަށްވުރެ 28 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އެހެންނަމަވެސް ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ދެވަނަ ކުއާޓާގައި ދިރާގަށް ލިބުނު އާމްދަނީ 0.3 އިންސައްތަ އިތުރުވެފައިވެއެވެ. ފުރަތަމަ ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިފައިވާއިރު އާމްދަނީގެ ގޮތުގައި ދެވަނަ ކުއާޓާގައި އެކުންފުންޏަށް ލިބިފައިވަނީ 710 މިލިއަން ރުފިޔާއެވެ.
ދެވަނަ ކުއާޓާގައި ދިރާގަށް ބިޑު އާމްދަނީއެއް ލިބިފައިވީނަމަވެސް، ލިބުނު ސާފު ދައިދާ ދަށްވެގެންދިޔައީ ފަތުރުވެރިންނަށް ދޭ ސީޒަނަލް ރޯމިންގެ ވިޔަފާރި ދަށްވުމުގެ ސަބަބުންނާއި، ހިންގުމުގެ ޚަރަދު ބޮޑުވުމުން ކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ.
އެގޮތުން ދިރާގުންވަނީ ރާއްޖޭގެ 75 ޕަސެންޓަށް ހައި ސްޕީޑް ފައިބާ ބްރޯޑް ބޭންޑުގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެއިތުރުން ރާއްޖެއަށް އެންމެ ފުރަތަމަ ގިގަބައިޓް ސްޕީޑް އެކުންފުނިން މިދިޔަ ކުއާޓާގައި ތަޢާރަފް ކޮށްފައިވާއިރު، އެކުންފުނިންވަނީ މާލޭގެ އެކި ޕާކުތަކުގައި ދިރާގުގެ ވައިފައިގެ ޚިދުމަތް ވެސް ދޭން ފަށައިފައެވެ.