މަގުމަތިން ދާމީހެއްގެ ކަރުގަ ހިފާ ބިރުދައްކާ އިންޒާރު ދޭވަރަށް ގަމާރު ވެއްޖެ ކަމަށް ހީކުރީތީ އަންތަރީސްވެއްޖެކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގުމަތިން ދާމީހެއްގެ ކަރުގައި ހިފާ ބިރުދައްކާ، އޭނަގެ އޮފީހަށްވަދެ އިންޒާރުދީ ބިރުދައްކާ މިންވަރަށް އިމްރާން ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ޤަބޫލުކޮށްފާނެކަމަށް ބަޔަކު ހީކުރީތީ އަންތަރީސްވެއްޖެކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠްފީއަށް ހޯމް މިނިސްޓަރު އިންޒާރު ދިނުމާގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަރުކަށި ޢިބާރާތުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީޢަތުގެ މުހިއްމު ހެއްކެއް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ޙަސަން ލުޠުފީ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތުތަކުން ހާމަވުމާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިޢަމަލު މިކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ރައީސް ޔާމީންގެ ޝަރީޢަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް، ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށާއި، ހޯމް މިނިސްޓަރގެ މިޢަމަލަކީ ސަރުކާރުގެ ވިސްނުން މިޝަރީޢަތާމެދު އޮތްގޮތް ވަރަށް ބޮޑަށް ސާފުވާ ކަމެއްކަމުގައި މި ބަޔާނުގައި ވަނީ ވިދަޅުވެފައެވެ.