ސައިކަލެއް ވޭނެއްގެ ދަށުގެ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު މެންދުރުފަހު 13:40 ހާއިރު ހުޅުމާލެ ރީތިގަސް މަގުގައި ހުރި ވިލާ ޕެޓްރޯލް ޝެޑަށް ސިގްނަލް ދީފައި ވަންނަން އުޅުނު ވޭނަކާއި، ޕެޓްރޯލް ޝެޑާއި ދޭތެރެއިން ދާން މަސައްކަތްކުރި ސައިކަލެއް ވޭނުގެ ދަށުވެގެން ކަމަށެވެ.
"މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާގެ އަނގަމަތި ފަޅައިގެންގޮސް ދަތެއް ވެއްޓިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ސައިކަލް ދުއްވާފައިވަނީ ލައިސަންސް އޮންނަ 20 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލަށާއި، ވޭނަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.