ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫއިޤްތިޞާދުގެ ދާއިރާއާއި ދެ ޤައުމުގެ ފޮރިންމިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާޞިލުކުރުމަށް 4 ސްކޯލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.