މަންޓާ އެއަރ އިން ސީޕްލޭންގެ ދަތުރުތައް ފަށަނީ

މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް އަންނަ މަސްތެރޭގައި ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ އެއަރލައިނުން ބުނެފިއެވެ. 

މަންޓާ އެއަރގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ސީޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތް ކުޑަކޮށް ލަސްވިނަމަވެސް މިހާރު މިމަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. މިމަސައްކަތް ލަސްވަނީ އޭވިއޭޝަނުން ނަގަންޖެހޭ ބައެއް ހުއްދަތައް ހުރުމުންކަމަށާ، ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މި ހުއްދަތައް ނެގުމަށްފަހު ދަތުރުތައް އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ފެށޭނެކަމަށް އުންމީދުކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދަތުރު ތަކުގައި ބޭނުންކުރާ ސީޕްލޭން ބޯޓުތައް އެކުންފުނިން ގެނައުމަށް ހަމަޖެހިފައިވަނީ ކެނެޑާއިންނެވެ. ހުއްދަ ލިބުނުހާ އަވަހަކަށް ބޯޓްތައް ރާއްޖެ ގެންނާނެ ކަމަށް މަންޓާ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެ ގޮތުން އެކުންފުނިން ދަތުރުތައް ފެށުމަށް 4 ބޯޓް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ ނިމުމުގެ ކުރިން 10 ބޯޓު ގެންނާނެކަމަށް މަންޓާއިން ބުނެއެވެ. މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އެޙިދުމަތް ބޭނުންވާ ރިސޯޓުތަކަށެވެ.

މަންޓާ އެއަރއިން ވަނީ ރާއްޖޭގެ 5 ސީޕްލޭން ޕައިލެޓުންނަށް އޭ.ޓީ.އާރުގެ އެންމެފަހުގެ މަތިންދާބޯޓު ދުއްވުމަށް ޓްރެއިންގ ދިނުމަށް ޚާއްސަ ސްޕޮންސަރޝިޕެއްވެސް މީގެކުރިން ހަދިޔާކޮށްފައެވެ. 

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ.ކުޑަހުވަދޫ އަދި ބ.ދަރަވަންދޫ އެއަރޕޯޓަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް