ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓު އޮފީސް ސިޓީ ސްކޮޔާ އިމާރާތަށް ބަދަލުކޮށްފި އެވެ.
ކުރިން މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހިންގަމުން އައިސްފައިވަނީ ވަގުފު ބިލްޑިންގައެވެ. ނަމަވެސް މިހާރު މި އޮފީސް ވަނީ ޗާންދަނީ މަގުގައި ހުންނަ ސިޓީ ސްކޮޔާ އިމާރާތުގެ ތިރީ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނެފައިވާ ގޮތުގައި ޓިކެޓް އޮފީސް ބަދަލު ކޮށްފައިވަނީ އެ އޮފީހުން ދެމުންއައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޤްސަދުގައެވެ.
މީގެ އިތުރުން އެ އެއަރލައިންގެ ކޯލް ސެންޓަރުވެސް ވަނީ މި އިމާރާތަށް ބަދަލުކޮށްފައެވެ.
މޯލްޑިވިއަން އަކީ ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އެއަލައިން އެކެވެ. މި އެއަރލައިންގެ ދަތުރުތައް ރާއްޖޭގެ ތަފާތު 11 އެއަރޕޯޓަކަށް ކުރަމުން އަންނައިރު އިތުރު އެއަރޕޯޓްތައް ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އެ ގޮތުން ކުޅުދުއްފުށީ އެއަރޕޯޓްގެ ދަތުރުތައް ޢީދާއި ދިމާކޮށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.