ހަލި މަގުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭގައި) ސައިކަލަކާއި ކާރެއް ޖެހި މިއަދު މެންދުރު ފަހު އެކްސިޑެންޓެއްގައި ހިނގައިފި ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 14:08 ހާއިރު ބްރިޑްޖް ހައިވޭއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެމީހުންގެ ކޮނޑު މަށައިގެންގޮސް އަނިޔާވެފައިވާކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއަށް ދަތުރު ކުރި ސައިކަލަކާއީ ކާރެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރިޖު ހަލިމަގު ނިމޭ ހިސާބުގައެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 55 އަހަރުގެ ފިރިހެނަކަށާއި، ސައިކަލު ފަހަތުގައި އިން 52 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އަނިޔާވި ދެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށާއި އަދި މި ދެ މީހުންނަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވާކަމަށެވެ. އަދި މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ވެފައިނުވެއެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން ހުރީ 43 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު، މި އެކްސިޑެންޓްގައި ހިމެނޭޜ 2 އުޅަނދު ދުއްވި ދެމީހުންގެ އަތުގައިވެސް އެއްގަމު ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް