ބޭންކިންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަމަށް ބީއެމްއެލް އިން ކުރާ މަސައްކަތުގެ ތެރެއިން ހއ. ކެލާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ބޭންކުން ވިދާޅުވީ، އީދު ބަންދަށް ފަހުގައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކެލާ އޭޓީއެމް އާއެކު ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ހަތަރަކަށް އަރާނެ ކަމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ އަދަދު 109 އަށް އަރާނެ ކަމަށެވެ.
ހއ.އަތޮޅުގައި ބީއެލްއެލްއިން ތިން ރަށެއްގައި ބްރާންޗުތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫ ބްރާންޗެވެ.
އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާތެރޭގައި ޚިދުމަތް ދޭންފަށާ ކެލާގައި ބަހައްޓާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެލްއެލް އިން ވިދާޅުވިއެވެ.
މި އޭޓީއެމް އާއެކު ކެލާ އަދި ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.
ކެލާގައި ބަހައްޓާ އޭޓީއެމް އިން ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެއަތޮޅު ބާރަށުގައި އޭޓީއެމްގެ ހިދުމަތް ދިނުމަށްވެސް ބީއެމްއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.