ބޮޑު އަގުގައި ދަތުރުކުރާ ޓެކްސީތައް ޖޫރިމަނާ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ނިއްމާފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ޓެކްސީ ފެއަރ ހަމަޖެއްސުމާއި ގުޅިގެން، ޓެކްސީ ދުއްވާ ފަރާތްތަކުން އެ އޮތޮރޯޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގަމުންދާ ކަމުގެ ޝަކުވާ ގިނަ އަދަދަކަށް އަންނަނީ ލިބެމުންކަމަށެވެ.
މިކަމާއި ގުޅިގެން އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގާއި ޙިލާފުވެ ބޮޑު އަގު ނަގާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 5/2009 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން 750 ރުރިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީ ދުއްވާފަރާތްތަކުން އަގު ނަގާކަމުގައިވަނީނަމަ އެ ޝަކުވާ މޯލްޑިވްސް ޕޮލިސް ސަރވިސްއަަށް މައުލޫމާތު ފޮނުވުމަށްވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.
އެގޮތުން އުޅަނދުގެ މަޢުލޫމާތު ދަތުރުގެ ތަފްސީލާއެކު އަދި ފަސިޖަރުންގެ މައުލޫމާތު ޝަކުވާގައި ހިމެނުމަށް އެދިލައްވާފައިވެއެވެ.