ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާއެއް ނުލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް [މޫލީ] އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިމައުޟޫގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، "މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް. އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ، އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ" ކަމަށެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު ކަމަށެވެ.
މިރޭގެ ހަފްލާގައި ރައީސް ސޯލިހްވަނީ އުރީދޫގެ ފަރާތުން، ރާއްޖޭގެ މުވާޞަލާތީ ދާއިރާއަށް ދެމުން އަންނަ ޚިދުމަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވައިފައެވެ.
އުރީދޫއިން މައުލޫމާތު ދޭގޮތުގައި އުރީދޫއިން މިރޭ ތައާރަފްކުރި އީކޮމާސް ޕްލެޓްފޯމް މޫލީ އަކީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ.