މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ.
މި ދެމީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާއަކީ އޮގަސްޓް 07 ވަނަ ދުވަހުގެ 16:26 އެހާކަންހާއިރު ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެކެވެ.
"މިމީހާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ފެނުމާ ގުޅިގެން. އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރު." ފުލުހުން ވިދާޅުވިއެވެ.
42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، އޮގަސްޓް 07 ވަނަ ދުވަހުގެ 22:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.