ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ އެކައުންޓަށް 72 މިލިއަން ރުފިޔާ ޖަމާކުރި ކަމަށްބުނާ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކޮށްފިއެވެ.
ރައީސް އޮފީހުން މި ތުހުމަތު ދޮގުކުރިއިރު، ރައީސް ޞޯލިހްގެ ރާއްޖޭން ބޭރުގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 72 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ކުރާ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް "މިހާރު" ނޫހަށް ވިދާޅުވެފައިވަނީ، މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށާއި، މެލޭޝިއާ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ރާއްޖޭގައި މަޝްރޫއެއް ހިންގަން އައި ބޭރުގެ ކުންފުންޏަކުން ރައީސްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކުރިއިރު، ރައީސްގެ އަކައުންޓަށް 4.2 މިލިއަން ޔޫރޯ ވަދެފައިވާކަމަށްބުނެ އަމިއްލަ ފަރާތަކުން ވަނީ އޭސީސީއަށް މައްސަލަވެސް ހުށަހަޅާފައެވެ.
އޭސީސީއަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވާކަމުގެ ލިޔުމާއެކު މައްސަލަ ހުށަހެޅި ފަރާތުން މީސްމީޑިއާގައި ބުނެފައިވަނީ، އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފައިސާ ޖަމާކުރިކަމުގެ ލިޔުންތަކެއް ލިބިފައިވާތީ އެ ލިޔުންތަކުގެ ޞައްޚަކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.