މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ކޮންގްރެސް މި ހިނގާ އޮގަސްޓް 30 އަދި 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެ ޕާޓީން ހާމަކޮށްފިއެވެ.
މިއީ 2009 ވަނަ އަހަރު ޔޫތު ވިންގު ވުޖޫދަށް އައުމަށްފަހު ބޭއްވޭ އެންމެ ފުރަތަމަ ފުރަތަމަ ކޮންގްރެސްއެވެ. އަދި މި ކޮންފަރެންސްގައި ރާއްޖޭގެ އެކިހިސާބުގެ އެކި ދާއިރާތަކުން ގިނަ ޒުވާނުންތަކެއް ބައިވެރިވާނެ ކޮންގްރެސްއެކެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޒުވާނުން ހިތްވަރުގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްގައި، އެމްޑީޕީގެ ޔޫތު ވިންގްގެ އާ ލޯގޯ ތަޢާރަފްކުރެވިންދާނެ ކަމަށާއި، އަދި ކުރިއަށް އޮތް 3 އަހަރު ޔޫތު ވިންގްގެ ފަރާތުން ކަނޑައަޅާ ފިކުރީ ތަސައްވަރެއް ކަނޑައެޅިގެންދާނެކަމަށެވެ،
އެމްޑީޕީގެ ފަރާތުން ޔޫތު ވިންގުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިކަން ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި އަދި ޔޫތު ވިންގްގެ އެކިއެކި ދާއިރާތަކުގައި ތަމްސީލުކުރެވޭ މަންދޫބުންގެ ފަރާތުން އެބޭފުޅުން ބޭނުންވާ ސިޔާސަތުތަކާއި ޔޫތު ވިންގުގެ ފަރާތުން އެބޭފުޅުން އެދޭ އެދުންތައް ވަރަށް ފުޅާދާއިރާއެއްގައި ބަހުސްކުރެވިގެންދާނެކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
މި ކޮންގްރެސްގެ ތެރެއިން ހާސިލުކުރަންބޭނުންވާ ލަނޑުދަނޑިތަކަކީ، އިންތިޒާމުވެގެން ސީޔާސީ ހަރަކާތްތައް ހިންގޭނެ މަގު ޒުވާނުންނަށް މަގުފަހިކޮށްދިނުންކަމަށް ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ޔޫތު ކޮންގްރެސް ބޭއްވިގެންދާނީ ހުޅުމާލޭގެ ހުރަވީ ސްކޫލުގައެވެ.