މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) ގެ އިސް ތަރުޖަމާނު، އިބްރާހީމް އާޒިމް "މޭޖަރ" ގެ މަޤާމަށް ޕްރޮމޯޓްކޮށްފިއެވެ.
"ކެޕްޓަން" ގެ މަޤާމުން "މޭޖަރ" ގެ މަޤާމަށް އިބްރާހީމް އާޒިމް ޕްރޮމޯޓް ކޮށްފައި މިވަނީ، ސިފައިންގެ އޮނިގަނޑަށް ބަދަލުގެނެސް، ހަމަޖެހިފައިވާ އުޞޫލުން ސިފައިންނަށް ޕްރޮމޯޝަން ދެމުންދާކަން އެސަރވިސް އިން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ސުވާލު ދެންނެވުމުން އާޒިމް ވަނީ ޕްރޮމޯޝަން ދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.
މޭޖަރ އިބްރާހީމް އާޒިމް އަކީ އެމްއެންޑީއެފްގެ ޚަބަރުތައް ހިއްސާކުރުމުގައި މީޑިއާއާއި ގާތް ގުޅުމެއް ބާއްވައި، މީޑިއާއާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ އޮފިސަރުންނަށް ވަނީ މަޤާމުގެ ކުރިއެރުން ދީފައެވެ. އަދި އިއްޔެވެސް ގިނަ އަދަދެއްގެ އޮފިސަރުންނާއި، އެހެނިހެން ރޭންކްގެ ސިފައިންނަށް މަޤާމުގެ ކުރިއެރުން ދީފައިވާކަން އެނގިފައިވެއެވެ.