އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން ކަރެކްޝަންގެ މައްޗަށް މިއަދު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެފައި ވަނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އެދުމުންނެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ، އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރެފައިވަނިކޮށް، އެ އަމުރާއި ހިލާފަށް އަދީބު ރާއްޖެ ދޫކޮށް ފިލައިގެން ދިޔަ ކަން ކަށަވަރުވެފައިވާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އަދިބު މިފަދަ ކަމެއް ކޮށްފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބުނެ، މި މައްސަލަ ނިމެން ދެން އަދީބު ބަންދުކޮށްދިނުމަށް އެދި ޕީޖީ އޮފީހުގައި އެ ކޯޓުގައި އެދިފައިވާކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، އެ މައްސަލާގައި ދެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތަކާއި އަދީބު މީގެ ކުރިން އަމަލުކޮށްފައި ހުރި ގޮތުގެ މައްޗަށާއި،އަދީބުގެ މައްޗަށް ކުރެވުފައިވާ ތުހުމަތުތަަކަށް ބަލައި ރިމާންޑް ޖަލެއްގައި އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.

އަދި އެ އަމުރު ކަރެކްޝަންސްއަށް ރައްދު ކުރެވޭ ވަގުތުން ފެށިގެން، ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ދާދިފަހަކުން އަދީބު ހައްޔަރުކުރީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ. އަދި އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، އެ ފައިސާ ލޯންޑަރ ކުރިކަމުގެ ތުހުމަތެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް