އިންޓަޕޯލް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކުރުމުގެ އެމް.އޯ.ޔޫ އެއްގައި ދަ އިންޓަނޭޝަނަލް ކްރިމިނަލް އޮގަނައިޒޭޝަން (އިންޓަޕޯލް) ގެ ނެޝަނަލް ސެންޓްރަލް ބިއުރޯއާއި ދިވެހިރާއްޖޭގެ ކަސްޓަމްސްއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވި މިރަސްމިއްޔާތުގައި، ކަސްޓަމްސްގެ ފަރާތުން މިއެއްބަސްވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާނު ސޮއިކުރެއްވިއިރު، އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
ކަސްޓަމްސްއިން ވިދާޅުވިގޮތުގައި، މިއެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ދިވެހިރާއްޖޭ ބޯޑަރ ސަރަޙައްދުގައި ހިންނާ ޤާނޫނާއި ޚިލާފު ޢަމަލުތައް ހުއްޓުމުވުމުގައި އިންޓަޕޯލް މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުންކަމަށެވެ.
އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، އިންޓަޕޯލްއާއި ކަސްޓަމްސްއާ ދެމެދު ފަސޭހަ ކަމާއެކު މުޢާމަލާތު ބަދަލުކުރެވޭނެކަމަށްވެސް ކަސްޓަމްއިންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކަސްޓަމްސްއިން ވިދާޅުވީ އެއްބަސްވުމާއެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރިވެ، ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މަސްތުވާތަކެއްޗާއި އަދި ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވާ، އަދި އެނޫނަސް ޤާނޫނާއި ޤާވާޢިދާއި ޚިލާފު ޙަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާ ވެގެންދާނެކަމަށެވެ.