އީޔޫގެ ޤައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް މަސައްކަތް ކުރަނީ

ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އެންމެ އިސްވެރިޔާ ފެޑްރީކާ މޮގެރީނީ ވިދާޅުވެއްޖެއެވެ.

އީޔޫއާއި ރާއްޖެއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެޑެރީކާ މޮގެރީނީ ވިދާޅުވީ، މަހުގެ ބާވަތްތައް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމަކީ ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުން އެނގިވަޑައިގެންނެވިކަމަށެވެ. ޑިއުޓީ ކުޑަކުރުމަށް ޔޫރަޕްގެ އިއްތިހާދުގެތެރެއިން މަސައްކަތް ކޮށްދެއްވާނެކަން ފާހަގަކުރައްވާ ވިދާޅުވީ، ދެން އަންނަ އީޔޫގެ ކޮމިޝަނުގައި އެކަމަށް މަޝްވަރާކުރުމަށް ހުށައަޅުއްވާނެކަމަށެވެ. ނަމަވެސް މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރެވޭނެ ދުވަހެއް އަދި ޢަދަދެއްވެސް އެނގިވަޑައިނުގަންނަވާކަމަށާއި، ނަމަވެސް އެކަމަށް މަޝްވަރާކޮށް ހައްލެއް ހޯދައިދޭނެކަމުގެ ޔަޤީންކަން އެކަމަނާއެރުވިއެވެ.

"މަސް އެކްސްޕޯޓްކުރުމުގައި ރާއްޖެއަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިތުރު ގޮތްތަކެއް ހޯދައިދޭންޖެހޭކަމަށް އަޅުގަނޑޫމެން ޤަބޫލުކުރަން. އަދި އިޤްތިޞާދީ ކަންކަމަށްވެސް ރާއްޖެއަށް އެހީދެވޭނެ އިތުރު ގޮތްތައް ހޯދަން އެބަޖެހޭކަމަށްވެސް އަޅުގަނޑު ޤަބޫލުކުރަން. ނަމަވެސް މިކަން ތަންފީޒްވާނެ ދުވަހެއް ދަންނަވަން ދަތި. ނަމަވެސް ދެން އަންނަ އީޔޫ ކޮމިޝަންގައި މިކަމަށް މަޝްވަރާކޮށް ހައްލު ހޯދައިދޭނެކަން ޔަޤީންކަން އަރުވަން." މޮގެރީނީ ވިދާޅުވިއެވެ.

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނަގަމުން އައިސްފައި ނުވިނަމަވެސް 2013 ވަނަ އަހަރު، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ނުވަތަ މެދު އާމްދަނީ ލިބޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ބަދަލުވުމުން ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަނީ 24 އިންސައްތައިގެ ޑިއުޓީއެކެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އީޔޫއާއި ރާއްޖޭގެ ގުޅުން މީގެ ކުރިން ދުވަހަކުވެސް ބަދަހި ނުވާ މިންވަރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އައު ސަރުކާރާއެކު އީޔޫގެ ގުޅުން ހަރުދަނާވެ އީޔޫއިން ރާއްޖެއަށް ދޭ އެހީ އިތުރުވަމުން އައިސްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ބެލްޖިއަމްގެ ބްރަސަލްއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް 5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް އީޔޫއިން ނިންމިކަން ފާހަގަކުރެއްވިއެވެ. އަދި އިޔާދަކުރަނިވި ހަކަތާއިގެ ދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމަށް 45 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ރާއްޖެއާއި ދެމެދު ސޮއިކުރައްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އެމަނިކުފާނު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށާއި އެކަމުގެ ރަނގަޅު ނަތީޖާއެއް މި ސަރުކާރަށް ހޯދޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި މި މައްސަލަތަކަށް އަލިމަގެއްވަނީ ހޯދިފަ."އިރާދަކުރެއްވިއްޔާ މިސަރުކާރުން މިކަން ކާމިޔާބުކުރާނަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާބެހޭ އެންމެ އިސްވެރިޔާ ފެޑްރީކާ މޮގެރީނީ އާއި ރާއްޖޭގެ އިސްވަފްދުން ބޭއްވި މަޝްވަރާތަކުގައި ކޮރަޕްޝަނާއި، ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެިއން ކުރާ މަސައްކަތްތަކަށް އެހީވާނެކަމުގެ ޔަޤީންކަން އީޔޫއަިއން ވަނީ ދެއްވާފައި. އަދި ހެޔޮ ވެރިކަން ނުވަތަ "ގުޑް ގަވަރުނަންސް"އާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެކަމަށް މެގެރީނީ ވަނީ ވިދާޅުވެފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް