އައްޑޫ ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ފްލައިޓެއް މޫދަށް ވެއްޓިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ބޯޓު ވެއްޓުނު އިރު އޭގައި ތިބީ ޕައިލެޓު ކޯސް ހަދަމުން އަންނަ މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރަކާއި އިންޑިއާއަށް ނިސްބަތްވާ އިންސްޓްރަކްޓަރެވެ.
ޝަންގްރިއްލާ ރިސޯޓްގެ ވޯޓާ ސްޕޯޓްސް އާއި ދިމާލުން ކަނޑަށް ވެއްޓުނު ބޯޓުގައި ދަތުރުކުރި ދެމީހުންވެސް ސަލާމަތް ވެފައިވާ އިރު ދެމީހުން މިހާރު ވަނީ ޝަންގްރިއްލާއަށް ގެންގޮސްފައެވެ.
ބޯޓުން ދަތުރުކުރި ދެމީހުން ސަލާމަތްވި ނަމަވެސް، ވެއްޓުނު ބޯޓުވަނީ ވަގުތުން އަޑިއަށް ގޮސްފައެވެ. އަދި ބޯޓުގައި ދަތުރުކުރި ދެމީހުން ޝަންގްރިއްލާ ރިސޯޓްގެ ކްލިނިކަން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި ނުރައްކާތެރި ހާދިސާގައި އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ފުލުހުން ވިދާޅުވީ، ފްލައިޓް ވެއްޓުނު ހާދިސާގެ ރިޕޯޓް އެސަރވިސް އަށް ލިބުމުން ސީންއަށް އެޓެންޑްވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއްވައެވެ.
އަދާހަމަ: ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 16:30 ހާއިރު ފްލައިޓް ވެއްޓިފައިވަނީ އިންޖީނު ފެއިލްވުމުގެ ސަބަބުން ކަމަށާއި، ބޯޓުން ދަތުރުކުރި ދެމީހުންކުރެ އެކަކަށްވެސް އެއްވެސް އަނިޔާއެއް ނުވާކަމަށެވެ.
މި ހާދިސާ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.