މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޢާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅައިފިއެވެ.
ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲއާއި ޖަލުގައި ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ޕީޖީ ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުންނެވެ.
މިދެމައްސަލާގައި ޕީޖީ ޢަމަލުކުރެއްވި ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަތް ބިޝާމްގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅީ މޫސާ ސިރާޖެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ފަހަރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންއަންނައިރު، މިދިޔަ 18 ވަނަ މަޖިލީހަށް 2 ފަހަރެއްގެ މަތިން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އެދެފަހަރުވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ މައްސަލައެއް އަނބުރާވަނީ ގެންދަވާފައެވެ.