ދެމިލިއަނަށްވުރެ ގިނަ މީހުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ.
ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ.
ޙައްޖުގެ އަޅުކަން ފެށުމަށްޓަކައި ޙައްޖުވެރިން މިއަދުވަނީ މިނާއަށް ދިއުމަށްޓަކައި ދަތުރު ފަށައިފައެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. މައްކާގެ މޫސުމަށް ބަލާއިރު މިދުވަސްވަރު މައްކާގެ ހޫނުމިންހުރީ ގާތްގަނޑަކަށް 40 ޑިގްރީ ސެލްސިއަސް ގައެވެ.

ރަސްމީ ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 25 އަހަރު 54 މިލިއަން މީހުންވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.