ލ. ދަނބިދޫ ޕަވަރ ހައުސްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އެރަށުން ކަރަންޓް ކެނޑިފައިވާތީވެ އެރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެ އެވެ.
ފެނަކައިން މިހެން ބުނެފައިވަނީ މިރޭ ކުރި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ބުނެފައިވަނީ، ދަނބިދޫ ޕަވަރ ހައުސްގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން އެރަށުން ކަރަންޓް ކެނޑިފައިވާތީވެ އެރަށަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުންފުނިން މިހާރުދަނީ ކުރަމުން ކަމަށެވެ.
L. Dhan’bidhoo powerhouse gai hin’gi alifaanuge haadhisaa ehge sababun erashun karantu ken’difaivaathee, erashah karantu dhinumah kuranjehey emmehaa masakkatheh kunfunin mihaarudhanee kuramun #TeamFenaka #dhanbidhoo
— Fenaka Corporation Ltd (@TeamFenaka) August 9, 2019
މިރޭ 8:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ދަނބިދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ހުރިހާ ޖަނަރޭޓަރު ސެޓުތަކަކަށްވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވޭ އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން މެދުގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއްގައި އަލިފާން ހިފައިގެންނެވެ.
މިހާދިސާ އާއި ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައި ވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
މަދުން ނަމަވެސް ޕަވަރ ހައުސްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.