އައްޑޫގައި އަޅާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މިކަން ހާމަކޮށް އެކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 20,000 ހައުސިންގ ޔުނިޓްގެ ތެރެއިން އައްޑޫގައި އަޅާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢަކީ، ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު ޢިމާރާތް ނުކުރެވި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ޙައްލެއް ހޯދުމާއިއެކު، ގޯތި ލިބި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ޙާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަން ހޯދާދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، އައްޑޫސިޓީ އަށް ކަނޑައަޅާފައިވާ ހައުސިންގ ޔުނިޓް ތައް އެޅުމުގައި، އައްޑޫސިޓީގެ އެކިއަވަށްތަކުން މިހާރު ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޢިމާރާތް ނުކުރެވި ފަޅަށްހުރި ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށާއި އަދި އަލަށް ދޫކުރެވޭ ގޯތިތަކުގައި ވެސް މި މަޝްރޫޢުގެދަށުން ގެ އެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.
މި މަޝްރޫޢުގެދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓީންގރޫމް، ބަދިގެ ހިމެނޭ ގެތަކެވެ. 900 އަކަފޫޓުގެ ބޮޑުމިނުގައި ޢިމާރާތްކުރެވޭ މިގެތައް އެއްބުރިއަށް ނުވަތަ 2 ބުރިއަށްވެސް ޢިމާރާތް ކޮށްދެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.