މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށް ގޮސްތިބި އެންމެހައި ޙައްޖާޖީންގެ ގްރޫޕްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލައްވައިފިއެވެ.
އެމަނިކުފާނު ދިވެހި ޙައްޖާޖީންގެ ގްރޫޕްތަކާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.
ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ. ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ.

ދިވެހިރާއްޖެއިން މިފަހަރު 2000 ޙައްޖުވެރިން މައްކާއަށް ގޮސްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނަށްވުރެ ގިނަ މީހުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.