ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ރޭ އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.
މިގޮތުން ފުވައްމުލަކު ސިޓީންވަނީ ގިނަ އަދަދެއްގެ ގަސްތައް ވެއްޓި އަދި ބައެއް ގެތަކުގެ ފުރާޅު އެއްލައިލައިފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
ގަދަ ވަޔާއެކު ރޭކުރި ވިއްސާރައިގައި އައްޑޫ ސިޓީއިންވަނީ އެސިޓީގެ ބައެއް ގެތަކުގެ ފުރާޅުތައް އެއްލާލައިފައެވެ. އަދި ގަސްތައް ވެއްޓި އެސިޓީގެ ބައެއް ރައްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.