ފިނޮޅެއްގައި ހާލުގައި ޖެހިފައިތިބި 12 މީހުން މިއަދު ހަވީރު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން މިރޭ ވިދާޅުވީ، އީދު ޗުއްޓީއަށް ދަނގެއްޗަށް ގޮސް އުޅުނު އާއިލާއެއްގެ ތެރެއިން ބައެއް މީހުން ބޮޑު ފިނޮޅުގައި ތިއްބާ އައި ކޮޅިގަނޑެއްގައި ހާލުގައި ޖެހިގެން މިއަދު ހަވީރު 4:55 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ އެއްމެން ސަލާމަތްތެރި ކަމާއެކު ދަނގެއްޗަށް ގެނެސްފައި ވާކަމަށެވެ.
މިހާދިސާ ހިނގިއިރު އެ ފިނޮޅުގައި ތިބިކަމަށްވަނީ 4 ފިރެހެނުންނާ، 7 އަންހެނުންނާ، އަދި 6 މަހުގެ ކުޑަ ކުއްޖެކެވެ.
މިމީހުން ސަލާމަތްކުރުމުގައި ދަނގެތި ދޯންޏެއްގެ އެހީތެރިކަން ލިބުނުކަންވެސް ފުލުހުން ފާހަގަ ކޮށްފައި ވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވާރޭވެހެމުންދާ ދުވަސްކޮޅެކެވެ. އަދި މެދުރާއްޖެ ތެރޭގެ ރައްތަކަށް މިއަދުވަނީ ޔެލޯ އެލާޓުވެސް ނެރެފައެވެ.