ހަމަލާދިން މިސްކިތް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ

ނޯވޭގެ މިސްކިތަށް ދިން ހަމަލާ ތަހުގީގު ކުރަމުންދަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި - ފުލުހުން

ނޯވޭގެ ވެރިރަށް އޮސްލޯގައި ހުންނަ އަލް ނޫރު މިސްކިތަށް ދިން ހަމަލާ ތަހުގީގު ކުރަމުންދަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ކަމަށް އެގައުމުގެ ފުލުހުން ވިދާޅުވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އަލް ނޫރު މިސްކިތަށް ބަޑި ހިފައިގެން ވަދެ އެންމެ މީހެކެވެ. ބަޑީގެ ހަމަލާ ދޭންފެށި އިރު އެމިސްކިތުގައި ހުރިކަމަށްވަނީ ތިން މީހުންނެވެ. މި ތިންމީހުންގެ ތެރެއިން އެކަކުވަނީ ބަޑި ހިފައިގެން މިސްކިތައްވަތް މީހާއަށް ހަމަލާދީ އެމީހާގެ ހަމަލާ ނާކާމިޔާބު ކޮށްލައިފައެވެ.

ހަމަލާދޭން ވަތް މީހާއާއި ގުޅޭގޮތުން ނޯވޭގެ ފުލުހުން ބުނެފައިވަނީ އެމީހާއަކީ ދޮން ނަސްލަށް ނިސްބަތްވާ ފިރެހެނެއް ކަމަށާއި އަދި އެމީހާއަކީ ހިޖުރަކުރުމާއި ދެކޮޅު މީހެއް ކަމަށެވެ.

ނޯވޭ ފުލުހުންގެ އެސިސްޓެންޓް ޗީފް ރޫން ސްކްޖޯލްޑް ވިދާޅުވީ މިހަމަލާދިން މީހާއަށް މީހުން މަރަން އުޅުމުގެ ދައުވާ ކުރަން ނިންމައިފައި ވާކަމަށެވެ.

މިއަހަރުގެ ކުރީކޮޅުވެސްވަނީ މިފަދަ ހަމަލާއެއް ނިއުޒިލެންޑްގެ ކުރިސްޓް ޗާޗުގައި ހުންނަ މިސްކިތަކަށް ދީފައެވެ. މިހަމަލާގައި 51 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. ޔޫރަޕުގެ ގައުމުތަކުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީނެވެ. މިކަމުގެ ސަބަބުން ކާފަރުންގެ ހިތްތަކުގައިވަނީ މުސްލިމުންނާއިމެދު ވަރަށްބޮޑު ނުރުހުންތެރި ކަމެއް އުފެދިފައެވެ.

މިފަދަ ބައެއް ފަރާތްތަކުންދަނީ މުސްލިމުންނަށް އަމާޒުކޮށް އެކިއެކި ހަމަލާތައް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް