އިންޑިއާގެ ކަރުނާޓަކާ، ކެރަލާ، އަދި މަހާރަޝްތުރާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 147 މީހުން މަރުވެފައިވާކަމަށް ކަމާބެހޭފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ގިނަ މީހުން މަރުވެފައިވަނީ، ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގެ ސަބަބުންނެވެ.
މި ވިއްސާރައިގެ ސަބަބުން އެތައްހާސް ބަޔަކުވަނީ ވަގުތީ ހިޔާތަކަށް މިހާރު ބަދަލުކޮށްފައެވެ. އަދި ރެއިލްގެ ހިދުމަތްވެސް ވަނީ ފެންބޮޑުވި ސަރަހައްދު ތަކުން ކަނޑާލައިފައެވެ.
ކެރެލާގެ ސްޓޭޓް ޗީފް މިނިސްޓަރ ޕިނަރަޔީ ވިޖަޔަން ވިދާޅުވީ، ބައެއް ގެތައްވަނީ ކިސަޑުގެ ދަށުގައި ކަމަށެވެ. މިކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތައް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށެވެ.
މިދިޔައަހަރު މިސަރަހައްދަށް ކުރި ވިއްސާރައިގައިވެސްވަނީ 200 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައެވެ. އިންޑިއާއަށް ކުރާ މޫސުމީ ވިއްސާރައިގައި ކޮންމެ އަހަރަކުވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ.
އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެއެވެ.