ދިޔަވަމުންދާ ސަފާރީއަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މާލެ އަތޮޅު އުތުރު ތިލަފަޅު ކައިރީ އަޅާފައިއޮތް "އޮނާސް ލެގަސީ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުންދާތީ އެސަރވިސްގެ އެހީތެރިކަން އެފަރާތަށް ފޯރުކޮށްދެމުން ދާކަމަށެވެ.

13:25 ހާއިރު ރިޕޯޓް ލިބުނު މިހާދިސާ ހިނގި ސަރަޙައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ޙަރަކާތްތެރިވަމުން އަންނަކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްއެންޑީއެފުން ވިދާޅުވީ، ދިޔަވަމުން މިދާ ފެރީގައި 18 ގެސްޓުންނާއި 12 ފަޅުވެރިން ތިބިކަމަށާއި، ދިޔަވުން ކޮންޓްރޯލް ކުރުމަށް ޕަންޕު ބޭނުން ކުރަމުންދާކަމަށެވެ. މިހާދިސާ ހިނގި ސަރަޙައްދުގައި ކޯސްޓްގާޑުގެ ޑައިވަރުން ޙަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.
