ވައިގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤަޢުމީ އިދާރާއިން ވިދާޅުވީ، މިއަދު 14:30 އިން ފެށިގެން 18:30 އާއި ދެމެދު މެދުރާއްޖެތެރެއަށާއި އުތުރަށް 23 މޭލާއި 29 މޭލާއި ދެމެދަށް ވައިޖެހޭނެކަމަށާއި، އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށްވެސް އެއިދާރާއިންވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ ޙިސާބަކަށް ހުޅަނގު މޫސުމުގެ ވިއްސާރާއިގެ އަސަރުކުރަމުންދާއިރު، ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް މިދުވަސްވަރުދަނީ ހިނގަމުންނެވެ.
White alert for Strong winds pic.twitter.com/sW90Ph5olv
— Maldives Meteorology (@MetMaldives) August 12, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސްވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން އެއިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށްވެސް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ.