މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ މޫސުން ވަރަށް ގޯސްކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހެނުނު 07:40 އިން މެންދުރުފަހު 13:40 އަށް މެދުރާއްޖެތެރެއާއި އުތުރުގެ ހުރިހާ އަތޮޅަކަށް އެންމެ ފުރަތަމަ ނެރެފައިވަނީ ވައިޓް އެލާޓެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް އޭރުވެސް މެޓް އޮފީހުން ވަނީ ލަފާކޮށް އިންޒާރުދީފައެވެ.
Conditions prevail, White alert extended til 1340 LT pic.twitter.com/bi1YTd1CLy
— Maldives Meteorology (@MetMaldives) August 13, 2019
ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ ބައެްއް ސަރަހައްދުތަކުގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ނެރުނު ވައިޓް އެލާޓް، ޔެލޯ އެލާޓަށް ބަދަލުކޮށް އަލުން އިންޒާރުދީފައެވެ.
ބ.އަތޮޅުން ވ.އަތޮޅަށް މިއަދު ހެނދުނު 08:45 އިން މެންދުރު 12:00 އަށް މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެސަރަހައްދުތަކަށް އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.
Yellow Alert for torrential rain, thunderstorms and gusts of 55 mph. pic.twitter.com/xxoGvFhlI8
— Maldives Meteorology (@MetMaldives) August 13, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް ދިވެހިރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މެލާއި 50 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މާދަމާ ހެނދުނު 10:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ވައި ގަދަވެ ކަނޑުތަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.