ސްނޯކްލިންއަށް ފޭބި ފަތުރުވެރި ދެމަފިރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އއ.މޫފުށިން ސްނޯކްލިންގ އަށް ދިޔަ ދެމަފިރި ފަތުރުވެރިންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސަރވިސް ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުކުރި 11:19 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"މި ދެމަފިރިން ސްނޯކްލިންގ އަށް ފޭބީ އެރަށު (އއ.މޫފުށި) ފަޅުތެރެއަށް." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލުނު ދެމަފިރިން ހޯދުމަށްޓަކައި ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) ވެލާނާ ލޯންޗުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުގެ ގަދަ ވިއްސާރަ ކުރަމުންދާއިރު، ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.