އއ.މޫފުށިން ސްނޯކްލިންގ އަށް ފޭބި ފަތުރުވެރި ދެމަފިރިން ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ އެ ދެމަފިރިން އެނބުރި ރިސޯޓަށް އައިސްފައި ވާކަމަށާއި މޫފުށި ރިސޯޓުގެ މެނޭޖްމެންޓުން މިކަން އެމްއެންޑީއެފް އަށް ކަށަވަރު ކޮށްދީފައި ވާކަމަށެވެ. އަދި މި ދެމަފިރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިއަދު ހެނދުނު ގެއްލިގެން ހޯދަންފެށި މިދެމަފިރިންނަކީ ޖަރުމަނަށް ނިސްބަތްވާ ބައެއް ކަމަށް އެރިސޯޓުން މައުލޫމާތު ދެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ގޯސް ވިއްސާރަ ދުވަސްވަރެކެވެ. އަދި ފާއިތުވެދިޔަ ދެދުވަހުވަނީ ކަނޑުމަތީގެ އެކިއެކި ހާދިސާތައް ހިނގައިފައެވެ.