އެއްމިލިއަން ޑޮލަރު ޖަމާވުމުން އެކަން އެފްއައިޔޫއަށް ރިޕޯޓްކޮށްފައިނުވޭ - ޝަކޫރު

ކުރީގެ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވުމުން އެކަން އެބޭންކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކޮށްފައިނުވާކަމަށް އެޔުނިޓްގެ ކުރީގެ ވެރިޔާ އާޠިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓަކަށް ޖަމާކުރުމުން އެބޭންކުން އެކަން، ކަމާބެހޭ އެއްވެސް އިދާރާއެއްގެ ސަމާލުކަމަށް ގެނެސްފައިނުވާކަމަށް ޝަކޫރު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

"ރާއްޖޭގައި ހިންގަމުން އަންނަ ބޭންކުތަކު ހުޅުވާފައިވާ އެކައުންޓްތަކުން ދެލައްކައަށް ވުރެ ގިނަ ރުފިޔާއިން މަތީގެ ކޮންމެ މުޢާމަލާތެއް އެމްއެމްއޭއަށް ރިޕޯޓްކުރަންޖެހޭ. އަދި މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތައްވެސް އެފްއައިޔޫއަށް ރިޕޯޓްކުރަންޖެހޭ" ޝަކޫރު ބުންޏެވެ.

މީގެއިތުރުން ޝަކޫރު ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޤައުމީ ބޭންކް (ބީއެމްއެލް)ގެ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކުރުމުން މާނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން އެފްއައިޔޫއަށް ރިޕޯޓްކޮށްފައިވަނީ އެންމެ މުޢާމަލާތެއްގެ މައްސަލަކަމަށެވެ. 

އާޠިފް ޝަކޫރު ވިދާޅުވީ، އެމްއައިބީގެ އެކައުންޓަކަށް އެއްމިލިއަން ޑޮލަރު ޖަމާވުމުން އެކަން އެފްއައިޔޫއަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ. އެއީ ޤާނޫނާ ޚިލާފްކަމެއްކަމަށް އާޠިފް ވިދާޅުވިއެވެ. އާޠިފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެކެއް ޕޮއިންޓު ތިނެއް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާގެ މައްސަލާގައި އިޙްމަލުވަނީ ޤައުމީ ބޭންކު އެކަނި ނޫންކަމަށާ، އެމްއައިބީއާއި އެނޫންވެސް މިނިވަން މުއައްސަސާތަކާއި ތަޙްޤީޤީ އިދާރާތަކުގެ އިހުމާލު އޮތްކަން އާޠިފް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަ ތަޙްޤީޤްނުކޮށް ފިޔަވަޅު އަޅާފައިނުވަނީ އެދުވަސްވަރު މުޅި މުޖުތަމަޢުގައި ލެވިފައި އޮތް "ތަޅެއް"ގެ ސަބަބުންކަމަށް އާޠީފް ސިފަކުރެއްވިއެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް